ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ފަރާތުން އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަހުގެ ކޮންމެ ގޮތްޕަކާއެކު ބައްދަލުވުމެއް ބޭއްވުމަށް ހިންގާ ޙަރަކާތެއްކަމަށްވާ “އެސް.އީ.ޓީ ވިންގްސް ބޯންޑިންގ 2017″ގެ 4 ވަނަ ބައްދަލުވުން ބާއްވައިފިއެވެ. ފެކަލްޓީ އޮފް އާރޓްސްގެ އެމް.އެން.ޔޫ.އެސް.ޔޫ ގޮފި “ސިއާ” އާއި އެކު ބޭއްވުނު މި ބައްދަލުވުން ބޭއްވުނީ 08 އޭޕްރީލް 2017ވީ ހޮނިހިރު ދުވަހުގެރޭ 08:30ގައެވެ. މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ “ސިޓްރޯން ބައި ލެމަން ގްރާސް”ގައި ބޭއްވުނު މި ބައްދަލުވުމުގައި “ސިއާ”ގެ ހިންގާ ކޮމިޓީގެ 3 މެންބަރުން ބައިވެރިވިއިރު، އެސް.އީ.ޓީ ހިންގާ ކޮމިޓީގެ 3 މެންބަރުންނާއި އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ އެޑްވައިޒަރީ އެންޑް އެސިސްޓެންސް ބޯޑުގެ 1 މެންބަރަކު ބައިވެރިވިއެވެ.

ބައްދަލުވުމުގެ ތެރެއިން...

ބައްދަލުވުމުގެ ތެރެއިން…

“ވިންގ ބޯންޑިންގ”ގެ ބައްދަލުވުންތަކުން އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ އިސްނެގުމާއި، ލީޑަރޝިޕް ހުނަރު ކުރިއެރުވުމަށް އެސް.އީ.ޓީގެ ރައީސް އަލްފާޟިލް މުޙައްމަދު ޝާން ޢާމިރު ނިންމަވާފައިވާ ނިންމުމުގެ މަތީން، މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އެސް.އީ.ޓީގެ ޢިލްމީ ނައިބު ރައީސް އަލްފާޟިލް ޙުސައިން މުޙައްމަދެވެ. މި ބައްދަލުވުމުގައި ދެ ގޮފީގެ މެންބަރުން ތަޢާރަފުވެ، ދެ ގޮފިން ގުޅިގެން ބޭއްވިދާނޭ ޙަރަކާތްތަކާއި މެދު ވާހަކަ ދެކެވިފައިވެއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އެހީވުމުގެ މުހިންމުކަމާއި ބެހޭގޮތުންނާއި ކޮންމެ ގޮތްޕަކުންވެސް މިއަހަރަށް ރޭވިފައިވާ ޙަރަކާތްތަކާއިމެދު ވާހަކަދެކެވި، އެ ޙަރަކާތްތަކަށް އެއްގޮފިން އަނެއް ގޮތްޕަށް އެހީވެދެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި އެސް.އީ.ޓީގެ ޢިލްމީ ނައިބު ރައީސް އަލްފާޟިލް ޙުސައިން މުޙައްމަދު ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއްކަމާއި، މި ބައްދަލުވުމުގެ ސަބަބުން ދެ ގޮފީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ. އަދި ބައްދަލުވުމުގެ ބޭނުން ހިފިއްޖެކަމަށާއި ވަރަށް އަވަހަށް މިބައްދަލުވުމުން ނިންމިގެން ދެ ގޮފި ގުޅިގެން ކުރަން ރޭވިފައިވާ ކަމެއް ފަށާނޭކަމުގެ އިޝާރާތެއްވެސް ދެއްވިއެވެ. އަދި ހަމަ އެހެންމެ މި ބައްދަލުވުމަށް ވަޑައިގެންނެވި ސިއާގެ ރައީސާ އަލްފާޟިލާ އާލާއު މަޙްމޫދަށާއި، ސިއާގެ މީޑިއާ ކޯޑިނޭޓަރ އަދި ޢަމަލީ ނައިބު ރައީސަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

ބައްދަލުވުމުގެ ތެރެއިން...

ބައްދަލުވުމުގެ ތެރެއިން…

ވިންގްސް ބޯންޑިންގ ގެ ނަމުގައި ބާއްވާ މި ޙަރަކާތަކީ އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަހުގެ ކޮންމެ ގޮތްޕެއްގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި އެކު ވަކިވަކިން ބައްދަލުކުރާ ބައްދަލުވުންތަކެއްގެ މައްޗަށް އެކުލެވޭ ޙަރަކާތެކެވެ. މި ޙަރަކާތުގެ މަޤްޞަދަކީ އެސް.އީ.ޓީ އާއި އެހެނިހެން ގޮފިތަކާއި ދެމެދު ގުޅުން ބަދަހިކޮށް ދައުރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ގޮފިތަކާއި ގުޅިގެން ބޭއްވިދާނޭ ޙަރަކާތްތަކާއި މެދު ވާހަކަ ދެކެވި މަޝްވަރާކުރުމެވެ..

އެސް.އީ.ޓީގެ ފަރާތުން ބާއްވާ “ވިންގްސް ބޯންޑިންގ” ޙަރަކާތަކީ މިގޮތަށް ބޭއްވޭ ސިލްސިލާ ދެވަނަ ޙަރަކާތެވެ. މިގޮތުން 2016ވަނަ އަހަރު ވެސް މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. ދިމާވި އެކި ގޮންޖެހުންތަކާއެކު ވޭތުވެދިޔަ އަހަރު ބޭއްވިގެންދިޔައީ އެންމެ 3 ބައްދަލުވުންކަމުގައިވިޔަސް މި އަހަރުގެ އަމާޒަކީ ހުރިހާ ގޮފިތަކާއި އެކު ބައްދަލުވުންތައް ބާއްވައި، އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަހުގެ ކޮންމެ ގޮތްޕަކާއި ގުޅިގެން މަދުވެގެން 1 ޙަރަކާތް ބޭއްވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *