“މިކަން ވާނެބާ؟” މިއީ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) ގެ އިސްކޮށް ޙަރާކާތްތެރިވާ 6 މެމްބަރުންގެ ބޭރުފުށުން ފެންނަން ނެތް، ނަމަވެސް އެކުދިންގެ ހިތުގައި އަނދަމުން ދިޔަ ހޫނުގަދަ ސުވާލެކެވެ. އެހެންގޮތަކަށް ބުނާނަމަ، އެކުދިން އެވިސްނަމުން ގެންދަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެފް.އީ އިން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަހަރުވެސް ހަމަ އެފަދަ ކާމިޔާބުކަމާއިއެކު ބޭއްވޭނެ ގޮތަކާއި ދޭތެރޭއެވެ.

1

 ވިސްނަންޖެހުނު ސަބަބަކަށްވެފައިވަނީ ޤަބޫލުކުރަން ދަތި ކަމަކަށްވިޔަސް، ނިމިގެންދިޔަ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން “ފަހި ދުވަސް” ގެ ނަމުގައި ބާއްވާ ކޮންމެ ކޯސް އިންޓޭކްތަކުގެ މަޢުލޫމާތު ދިނުމުގެ ދުވަސް އެހާވެސް ފަޅުކޮށް ދިޔަތަން ފެނިފައެވެ. ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގެ އިމާރާތް ބާރުބޮޑު އަމީނީމަގުގައި ހުއްޓެއްކަމަކު، އެއިމާރާތުގެ ގޯތިތެރެ ހުންނަނީ ފުދޭވަރަކަށް އެތެރޭގައެވެ. މިއީ ފަހި ދުވަސް މިފަދަ ގޮތަކަށް ދިއުމަށް މެދުވެރިވި ސަބަބަކަށް ވެދާނެއެވެ. ރަނގަޅަށް މިދުވަހާއި ބެހޭގޮތުން އިސްތިހާރުކޮށް ކުދިންނަށް ފަހި ދުވަސް އޮތްކަން ނޭނގުން، މިއީވެސްވުން އެކަށީގެންވާކަމެކެވެ.

2 (2)

ވުމާއިއެކު ފެސާގެ މެމްބަރުންގެ ހިތުގައި މިއަނދާ ސުވާލަށް ޖަވާބުދާރީ ވާނީ ކިހިނަކުން ހެއްޔެވެ؟

“ވާނެ މިކަން” މިއީ ފެސާގެ މެމްބަރުންނަށް ހުންނަވާ އެޑްވައިޒަރުންގެ ތިން މީހުންގެ ތެރެއިން އާދަމް ރުޝްދީ އެކުދިންގެ ހިތްވަރު އެލުވާލިއަނުދިނުމަށްޓަކައި އަބަދުވެސް ނަސޭހަތްތެރިވަމުން އޭނާ ދިން ޖަވާބެކެވެ.

ފެސާގެ މެމްބަރުންވެސް ރުޝްދީއަށް ތާއީދެވެ. ނަމަވެސް ފަހި ދުވަހަށް ވީގޮތް ލޮލުން ދެކި އަތުން ހިފާފައޮއްވާ ކުޑަކުދިންގެ ހަވީރަށް ބޮޑު “ފައުޖެއް” ގެނެސް އެކަން ކާމިޔާބު ކުރާނީ ކިހިނަކުންތޯ މިއީ އަނެއްކާވެސް އެކުދިންނަށް ބިރުހުރި ސުވާލެކެވެ. އެސުވާލަށް ޖަވާބުހޯދުމަށްޓަކައި އެކުދިން ދެންވިސްނީ އެފް.އީ ގައި ކިޔަވަމުންގެންދާ ދަރިވަރުންގެ މެދުގައި މިކަމާއިގުޅޭ ޙިޔާލު ހޯދުމެވެ. އެގޮތުން ފެސާއިން ނިންމީ އެފް.އީގެ ދަރިވަރުންނަށް އެފް.އީގެ މިއަހަރުގެ ތިންވަނަ ޢާއްމު ބައްދަލުވުމަކަށްދާށެވެ.

3 (2)

3 މެއި ވީ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގައި އެފް.އީގެ އޮޑިޓޯރިއަމްގައި ބޭއްވި މިޢާއްމު ބައްދަލުވުމުގައި ފެސާގެ މެމްބަރުން ކުޑަކުދިންގެ ހަވީރާއި ބެހޭގޮތުން ދަރިވަރުންގެ މެދުގައި މިދުވަހަށް ކުރަން ހަމަޖެހިފައިވާ ކަންތައްތަކާއިމެދު ވާހަކަދެކެވި މަޝްވަރާކުރެވުނެވެ. ފުރަތަމަވެސް ފެސާގެ ރައީސާ، މާޝާ މުސްޠަފާ، ދަރިވަރުންގެ ކައިރީގައި އެހި ސުވާލަކީ މިދުވަސް ފާހަގަކުރަން އެއްބަސްތޯއެވެ. އޮޑިޓޯރިއަމްގައި ތިބި ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ކުދިން ކަހަލަ ގޮތަކަށް އަތްމައްޗަށް ނަގާ އެކަމާއި އެއްބަސްކަމުގައި ބުންޏެވެ. ދެން ވިސްނީ މިހަވީރާއި ގުޅޭނެ ތީމަކާއި ދޭތެރޭއެވެ. އެކި ވައްތަރުގެ ތީމްތަކުގެ ނަންތައް ކިއުނުއިރު އެތަނުން ފާސްވީ ފޯސީޒަންސްގެ ތެރެއިން “ސަމާ” ސީޒަނެވެ. އެއީ ޙަރަދުކުޑަވެފައި ރާއްޖޭގެ މާހައުލާއި، ރާއްޖޭގެ މޫސުމާއި ގުޅޭ ސީޒަނެއްކަމުންނެވެ.

4 (2)

“އުފަލާ މަޖާ” ގެނަމުގައި މިކުޑަކުދިންގެ ހަވީރު 12 މެއި ވީ ހުކުރު ދުވަހުގެ 4:00 އިން 6:00 އަށް ބޭއްވުމަށް މިބައްދަލުމުގައި ހަމަޖެއްސިއެވެ. ބާއްވާނެ ތަންތޯއެވެ؟

ލޯމަރާލައި، ފުންނޭވައެއްލައިފާ އެފް.އީގެ ގޯތިތެރޭގައި ބޭއްވުމަށް ނިންމިއެވެ. ރަސްފަންނު އަދި އާޓިފިޝިއަލް ބީޗް ކަހަލަ ހާމައަށް އޮންނަ، މީހުން ޢާއްމުގޮތެއްގައި އެއްވާކަހަލަ ބޮޑު ސަރަހައްދަކު މިހަވީރު ބާއްވާކަށް ވަގުތެއްނެތެވެ. އެކަހަލަ ތަނަކަށް ދިއުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައްވެސް ބޮޑެވެ. ޓެސްޓުވެސް މިއޮތީ ބޯވިލާގަނޑެއްހެން އޭގެ ވާރޭ އޮއްސާލަން ތައްޔާރުވެފައެވެ.

އެފް.އީގެ ގޯތިތެރޭގައި މިކަން ބާއްވަނީނަމަ ވަރަށް ގިނަ އިޝްތިހާރު ކުރުންތަކެއް ރާވަން ޖެހޭނެކަން ދަރިވަރުންނަށް ވަރަށް ރަނގަޅަށް އިނގެއެވެ. މިގޮތުން އިސްތިހާރުގެ ކަންތައް ކުރުމަށްޓަކައި ފެސާގެ މިހާރުގެ ލޯގޯ ފަރުމާކުރި އެލޯގޯގެ ވެރިފަރާތް، 2017 ބެޗްލަރސް އޮފް އެޑިއުކޭޝަން ޕްރައިމަރީ ކޯހުގައި ކިޔަވަމުން އަންނަ ދަރިވަރު ފާތިމަތު ސަނާ، އަނެއްކާވެސް މިހަރަކާތާއި ގުޅުން ހުރި ލޮލުގައި-އަޅާގަންނަ ކަހަލަ ރީތި ޕޯސްޓަރެއް ފަރުމާކުރިއެވެ.

އެގޮތުން މިޔުނިވަރސިޓީއާއި އެފް.އީގެ އިސްވެރިންނަށާއި އެމް.އެން.ޔޫ.އެސް.ޔޫގެ އެކި ގޮފިތަކުގެ މެމްބަރުންނަށާއި މާލޭގެ އެކި ސްކޫލްތަކަށް މިޕޯސްޓަރު ހިމެނޭ ގޮތަށް ދަޢުވަތު ކާޑުތައް ހަދާ ފޮނުވިއެވެ. މީގެ އިތުރުން “އުފަލާއި މަޖާ” ގެ ޕޯސްޓަރުތައް އެކި ސަރަހައްދުތަކުގައި ހިއްޕުމާއި ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ކުރިއަށް މިއިޝްތިހާރުތައް ޕޯސްޓްކޮށް ފަތުރަމުން ދިޔައެވެ.

މިހަވީރުގައި ކުޑަކުދިން ޝަޢުޤުވެރިވާނެފަދަ ތަފާތު މަޖާ ކުޅިވަރުތައް ކުޅޭ ޖުމްލަ 8 ސްޓޯލެއް ހިމެނުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ކުލަޖެއްސުމާއި، މިއުޒިކަލް ޗެއަރ ކުޅުމާއި، މަސްބޭނުން ފަދަ ކުޑަކުދިން ގަޔާވާނެ ކަހަލަ ކުޅިވަރުތައް ހިމެނުމަށްވަނީ ރޭވިފައެވެ. އެންމެ ޑިމާންޑް ބޮޑު ހީނާއަޅާދިނުމާއި ފޭސްޕެއިންޓްކުރުން ފަދަ ކަންކަމަކީ ވޭތުވެދިޔަ އެމް.އެން.ޔޫ އިން ބޭއްވި ގިނަ ހަރަކާތްތަކުގައިވެސް ޢާއްމުކޮށް ވަރަށް ބާރަށްކުރިއަށް ހިނގާދިޔަ ދެކަންތައްކަމުން މިފަހަރުވެސް ހީނާ އެޅުމާއި ފޭސް ޕެއިންޓިންގ ހިމެނުމަށް ހަމަޖެހުނެވެ.

13

މީގެ އިތުރުން ސްޓޭޖް ޙަރަކާތްތަކާއި ކެންޓީނުގެ ޙިދުމަތްދިނުމަށްވަނީ ނިންމާފައެވެ. ކެންޓީނުގައި ވިއްކަން ބަހައްޓާނެ ކައިބޯތަކެތި ހެދުމުގައި އިސްކަންދެވިފައިވަނީ ވީހާވެސް ބޮޑަށް ކުޑަކުދިންނަށް ކަމުދާނެފަދަ ލުއިކާނާ ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި މާޝްމެލޯ، ހެދިކާ، އައިސްކްރީމް، ސޮސެޖްފަދަ ބާވަތްތައް ތައްޔާރުކުރުމަށްވަނީ ރޭވިފައެވެ.

ދެން އައި އެންމެ ބޮޑު އެއްކަމަކީ މުޅި އެފް.އީގެ ގޯތިތެރެ އެއްކޮށް ޒީނަތްތެރިކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމެވެ. އެގޮތުން 11 މެއި ވީ ބުރާސްފަތި ދުވަހު ހެނދުނު 11:00 އިން ފެށިގެން ކުދިންގެ ކްލާސްތައް އޮތެއްކަމަކު އެކުދިންގެ ކްލާސްތައް ނުގެއްލޭ ގޮތަށް އެކުއްޖަކަށް ވަގުތު ދެވުން ވަރަކުންވަނީ އެކަމާއި ގުޅުންހުރި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެކި ކުދިންކުރީ އެކި މަސައްކަތެވެ. އެއްބަޔަކު ފުއްޕާހަން ފުއްޕިއިރު އަނެއްބަޔަކު ބޮޑު ދެ ރުކެއް ހެދުމަށް އޮޅުލާ ޝަހީދުވިއެވެ. އެއްބަޔަކު ފޮޓޯ ބޫތަށް ބޭނުންވާ ސާމާނުތައް ހެދިއިރު ހަމައެފަދައިން ދެންތިބި ކުދިންވެސް އެކުދިންގެ އަމިއްލަ ސްޓޯލްތަކާއިގެން މަޝްޢޫލުވެ އުޅުނެވެ.

4

ޖެހިގެންއައި 12 މެއި ވީ ހުކުރު ދުވަހުގެ ހެނދުނު މިހަވީރަށް ކުރަންހުރި ހުރިހާ މަސައްކަތްތަކެއް އެކީ އެކައްޗަކަށް ނިންމާލުން އޮތެވެ. އެގޮތުން އެދުވަހުގެ ހެނދުނު 8:00 އިން ފެށިގެން އެފް.އީގެ ގޯތިތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތްކުރުމަށް ގިނަކުދިންތަކެއްވަނީ ހާޒިރުވެފައެވެ. އެކުދިންގެ މަސައްކަތް ވަރަށް ޝަޢުޤުވެރިކަމާއިއެކު ކުރިކަން މިއީ ވަރަށް އުފަލާއިއެކު ފާހަގަކޮށްލާ ކަމެކެވެ. ގަޑިން 11:30 ގައި ހުކުރު ވަގުތަށް މެދުކަނޑާލުމަށްފަހު އަނެއްކާވެސް ދެން މަސައްކަތްފެށީ މެންދުރު 1:30 ގައެވެ.

1:30 އިން ފެށިގެން ކުރި މަސައްކަތް ނިމުމަކާއި ހަމައަށް އައިއިރު 4:00 އަށް ވެއްޖެއެވެ. ތެޅި ތެޅި އޮތް ހިތަކާއިއެކު އެންމެންވެސް ތިބީ ކުޑަކުދިންތަކާއި އެކުދިންގެ ބެލެނިވެރިން އަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. އޭރުވެސް ދެތިން ކުޑަކުދިންތަކެއް އެފް.އީގެ ގޯތި ތެރެއަށް ވަދެ އުޅުނެވެ.

2

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ވައިސް ޗާންސެލަރ، ޑރ. ޢަލީ ފަވާޒް ޝަރީފް ވަޑައިގެން ދެފަރާތުން ކަފައިލެއްވި ރިބަންކޮޅާއިއެކު މިމުނާސަބާތް ފެއްޓިގެން ދިއައެވެ. އެއަށްފަހު އެބޭފުޅާއާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން، ޝާމިލާ ޢަބްދުﷲ އާއި އަދި އެވަގުތު އައި ލޯބިލޯބި މައުސޫމް ކުޑަކުދިންތަކަކާއިއެކު ދުވަހާއި ގުޅޭ ހާއްސަ ކޭކެއްވެސް ފެޅުއްވިއެވެ. އެއިމާރާތުގެ މައި ގޭޓު އިނީ ރަށްދެބައި މަގުގައިކަމުން އިރުއިރުކޮޅުން އެތަނާއި ދިމައަށް ކުދިންތަކަށް ނަޒަރު ހިންގެނީ ވަކި ވަރަކަށްނޫނެވެ.

ނަމަވެސް އުފާވެރިކަން ހުއްޓެވެ. ފަހަރަކު ބަޔަކު، ފަހަރަކު ބަޔަކު އެމީހުންގެ ދަރިންނާއި އެމީހުންގެ ކުޑަ ކޮއްކޮއިން ގޮވައިގެން އެގޭޓުން އައިސް ވަންނަތަން ފެނުނެވެ. ސްޓޯލްތަކުގެ ކުޅިވަރުތައް ފެށިގެން ދިއައީ އެހިސާބުންނެވެ.

3

4:00 އިން ފެށިގެން ގާތްގަނޑަކަށް 5:00 އަށް ކައިރިވެފައިވާއިރު މުޅި ގޯތިތެރެ އެއްކޮށް އޮތީ ފުރިފައިވާ ކަހަލަ ގޮތަކަށެވެ. ކުޅިވަރާއި މަޖަލުގައި ކުޑަކުދިން އެކުދިންގެ ދުވަސް ފާހަގަކުރަމުންދާ މަންޒަރަކީ ބަލާލަން ފަސޭހަ ހިތަށް ހިތްހަމަޖެހުން ގެނުވައިދޭ މަންޒަރުތަކެކެވެ. އެފް.އީގެ ދަރިވަރުން ދިއައީ ވަރަށް ކާމިޔާބުކަމާއިއެކު އެކުޑަކުދިންނަށް މުނިފޫހިފިލުވާދެމުންނެވެ.

މިގޮތުން އެންމެ ހިނގާލި ޙަރަކާތްތަކަށް ބަލާއިރު ޖަނަވަރީ 2017ގެ ޕްރައިމަރީ ބެޗުން ތައްޔާރުކުރި “ހިޓް ދަ މިނިއަން” ކިޔާ ސްޕަންޖް ޖެހުމުގެ ކުޅިވަރަކީ ކުދިންނަށް ވަރަށް މަޖާވި ކުޅިވަރެކެވެ. ފުޅިމަދު ބޯޑަކުން ހެދި ބޮޑު ބިޔަ މިނިއަން އެއްގެ ލޯކަފާލައި، އޭގެތެރެއިން މޫނު ފެންނަ ގޮތަށް، މިކުޅިވަރަށް އެހީތެރިވެދިން ޖަނަވަރީ 2017ގެ ސެކަންޑަރީ ބެޗުގެ ޢަބްދުﷲ ޝަފީޢު ހަސަން ބުނެފައިވަނީ ޝަފީޢުގެ މޫނަށް ސްޕަންޖާއި ފެން އަޅާފައިވާ ފުއްޕާހަން ޖަހައިފައިވާވަރު ބުނަންވެސް ނޭނގޭހާ ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް މިކުޅިވަރުގައި ބައިވެރިވިކަމަށެވެ.

5

ދެން އެންމެ ހިނގާލި އެއް ސްޓޯލަކީ ޖަނަވަރީ 2017ގެ ސެކަންޑަރީ ބެޗުން ތައްޔާރުކުރި މަސްބާނާ ސްޓޯލެވެ. އެބެޗުގެ ފަރާތުން މަރިޔަމް އާމާލް އަދްނާން ބުނެފައިވަނީ އޭނާގެ ކްލާސް ކުދިންނާއިއެކު A4 ސައިޒްގެ އެކި ކުލަކުލައިގެ ގަނޑުން 200 އަށް ވުރެން ގިނަ މަސްތަކެއް ހަދާފައިވާކަމަށެވެ. އިރުއޮއްސި 6:00 އަށް ގާތްކުރިއިރު އެބެޗުން ނޫކުލައިގެ ފޮތިގަނޑަކުން ހެދި ކަނޑަކު މަހެއްނެތެވެ. މަސްތައްވަނީ ބާނާ އެއްކޮށް ހުސްކޮށްލާފައެވެ.

12

ގާތްގަނޑަކަށް ހުރިހާ ސްޓޯލްތަކެއްގެ ކުޅިވަރުތަކުގައި އެތަނަށް އައި ގިނަ ކުޑަކުދިންތަކެއް ޝާމިލުވެފައިވެއެވެ. އޭގެ ތެރެއިން މިއުޒިކަލް ޗެއަރ އާއި، ކުލަ ޖެއްސުމާއި، ފޭސް ޕެއިންޓްކުރުމުގައި ހުރިހާ ކުދިން ކަހަލައިން ބައިވެރިވިއެވެ. އަދި ޚާއްސަކޮށް އަމިއްލައަށް އިސްނަގައިގެން ވަރަށް ގިނަ ކުޑަކުދިންތަކެއް ސްޓޭޖް މައްޗަށް އަރައި ލަވައާއި މަދަހައާއި ވާހަކަ ކިޔާދީ އެކުދިންގެ ހުރި ހުނަރުތައް ވަނީ ދައްކާލައިފައެވެ.

އަތުގައި ހީނާ އެޅުން މިއީ ނުބުނެ ދޫކޮށްލާވަރަށްވުރެން މާ މަޝްހޫރު އަދި އެންމެ ރަނގަޅަށް މިހަވީރުގައި ހިނގި ސްޓޯލެކެވެ. މިއީ އެއްވެސް ބަޔަކު ހައިރާންވާވަރުގެ ވާހަކައެއްވެސް ނޫނެވެ. މި ސްޓޯލްގައި މުޅިންވެސް ތިބީ ހީނާ ކުރެހުމަށް ވަރަށް ޝަޢުޤުވެރިކަން ހުރި ކުޅަދާނަ 4 ދަރިވަރުންނެވެ. ކުޑަކުދިންގެ އިތުރުން އެކުދިންނާއި އެއްކޮށްއައި ބޮޑެތި މީހުންގެ އަތްތަކުގައާއި އިނގިލިތަކުގައި ހީނާ އަޅާ ފަރުމާކުރަމުން މިއައި ސްޓޯލަކީ ވަރަށް ބޮޑަށް ކިއުގަ ޖެހިފައި އޮތް މަޝްހޫރު ސްޓޯލެކެވެ.

6

ކެންޓީނުގެ ވާހަކަ އަދި އަމުދުން ކޮންމެހެންވެސް އެބަ ދައްކަން ޖެހެއެވެ. (ބެޗެލަރސް އޮފް އެޑިއުކޭޝަން ޕްރައިމަރީ 2015) ގެ ދަރިވަރުން  މިކެންޓީންގައި ތައްޔާރުކުރި ކަފަލޮލީ، ޕޮޕްކޯން، ހެދިކާ، ޖޫސް ޕެކެޓް، މައިލޯ ޕެކެޓް، އައިސްކްރީމް، މާޝްމެލޯ، ސޮސެޖް އަދި ފެންފުޅި ހީވެސް ނުކުރާހާ ހެޔޮ އަގުގައި ލިބެން ހުއްޓެވެ. އެކުދިން ހަދާފައިވާ ހެދިކާއާއި ފިހުނު ސޮސެޖުގެ ތާޒާކަމާއި މީރުކަމުގެ ވާހަކަ ބުނެދެންވެސް ނޭނގުނެވެ.

ކޮންމެއަކަސް އެފް.އީ އިން ވަރަށް ކުލަގަދަކޮށް “އުފަލާ މަޖާ” ގެނަމުގައި ބޭއްވި މިކުޑަކުދިންގެ ހަވީރު ވަރަށް އުފަލާއި މަޖާކޮށް ނިންމާލައިފިއެވެ.  ފެސާގެ ރައީސާ މާޝާ ވިދާޅުވީ އެފް.އީގެ ދަރިވަރުންނާއި ނުލައި މިހަރަކާތް މިހާފުރިހަމަކޮށް ނުދާނެކަމަށެވެ. އަދި ކުދިންގެ ފަރާތުން ލިބުން ފުރިހަމަ އެއްބާރުލުމާއި ތަރުހީބަށް އޭނާވަނީ ތަޢުރީފުކޮށް ޝުކުރުއަދާކޮށްފައެވެ. އެފް.އީގެ ހުރިހާ ދަރިވަރުންވެސް ބުނެފައިވަނީ ހީވެސް ނުކުރާހާ ކާމިޔާބުކަމާއިއެކު މިޙަރަކާތް ނިމިގެންދިޔައީ އެކުދިންނަށް ވަރަށްވެސް ހިތްހަމަޖެހޭ ކަހަލަ ގޮތަކަށެވެ.

10

ނިންމާލަމުންވެސް ފެސާގެ މެމްބަރުންގެ ފަރާތުން މިޙަރަކާތުގައި ބައިވެރިވި އެފް.އީގެ ހުރިހާ ދަރިވަރުންނަށާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ސްޓޫޑެންޓް ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އަށާއި، މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި މުއައްސަސާތަކަށާއި  އަދި ޙަލީލް ސަރއަށް ފަށްފަށުން ޝުކުރުދަންނަވަމެވެ. އަދި މިހަވީރަށް ނާދެވުނު ކަމުގައި ވިއަސް މިޙަރަކާތުގެ ހުރިހާ ކަމެއްވެސް ދުރާއި ގާތުން ބައްލަވަމުން، އެފް.އީގެ ދަރިވަރުންނަށް ނަސޭހަތްދީ، ހިތްވަރާއި އެހީތެރިކަން ދެމުން ދިޔަ ފެސާގެ 2 އެޑްވައިޒަރުން، އާދަމް ރުޝްދީ އަދި އަރުޝަދު އަޝްރަފަށް ފެސާ މެމްބަރުންގެ ނަމުގައާއި މިކަމުގައި މަޝްޢޫލުވި އެފް.އީގެ ހުރިހާ ދަރިވަރުންގެ ނަމުގައި ނުހަނު އިޙްލާސްތެރިކަމާއިއެކު ޝުކުރުދަންނަމެވެ.

11

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީ މިފަދަ ޙަރަކާތްތަކަކީ ކުދިންގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓާނެފަދަ ޙަރަކާތްތަކެއްކަމުގައިވުމާއި އަޅުގަނޑުމެން .އެންމެންނަކީ ކުޑަކުދިންދެކެ އަބަދުވެސް ލޯބިވާ ދަރިވަރުންތަކެއްކަމުގައިވުމެވެ. އާމީން

Leave a Reply

Your email address will not be published. Required fields are marked *