ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ ފަހިދޫ ބަހުސް މުބާރާތުގެ ފައިނަލަށް ޔޫނިއަންގެ ޓީމް ދަތުރު ކޮށްފިއެވެ.

ޔޫނިއަންގެ ޓީމް ފައިނަލަށް ދަތުރުކޮށްފައިވަނީ ލީގް އުސޫލުން ކުރިއަށްދިޔަ ސެމީ ފައިނަލްގެ ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެގެންނެވެ. ޔޫނިއަންގެ ޓީމް ބަލިވެފައިވަނީ ކޮލެޖް އޮފް ޑިފެންސް ފޯސްގެ ޓީމާއި ބައްދަލުކުރި މެޗުންނެވެ.

ޔޫނިއަންގެ ޓީމަށް ފައިނަލްގެ ޖާގަ ކަސަވަރުވެފައިވަނީ ރޭކުރިއަށް ދިޔަ ސެމީފައިނަލްގައި އެންޓި ކޮރަޕްޝަންގެ ޓީމާއި ވާދަކޮށް ކުރި ހޯދި މެޗަށްފަހުގައެވެ.

މިކަމާއި ގުޅިގެން ޔޫނިއަންގެ ރައީސް އަދި ބަހުސް ޓީމުގެ މެމްބަރެއް ކަމުގައިވާ އަލީ ރަޝީދު ވިދާޅުވީ މިއީ ކޯޗާއި ޓީމްގެ ހުރިހާ މެމްބަރުން ހިތްވަރާއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި އެކަމަށްޓަކައި ޓީމްގެ ކޯޗާއި އެހެން މެމްބަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަލީ ރަޝީދު އިތުރަށް ވިދާޅުވީ އުއްމީދަކީ ފައިނަލުން މޮޅުވެ ތަށި ދިފާއުކުރުން ކަމަށެވެ.

ޕީއެސްއެމް ފަހިދޫ ބަހުސް މުބާރާތަކީ ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ރޭޑިއޯ ބަހުސް މުބާރާތް ރީބްރޭންޑްކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރު ކޮލެޖް އޮފް ޑިފެންސް ފޯސް ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޔޫނިއަންގެ ޓީމެވެ.

Leave a Reply

Your email address will not be published. Required fields are marked *