ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ) އިން އިންތިޒާމު ކޮށްގެން “އެސް.އީ.ޓީ ގިއަރ ނައިޓް 2017″ގެ ނަމުގައި 11 ފެބްރުއަރީ 2017 ވީ ހޮނިހިރު ދުވަހުގެރޭ ޙަފްލާއެއް ބާއްވައިފިއެވެ.

 

ހޮނިހިރު ދުވަހުގެރޭ 08.30ން 10.00އަށް ކުރިއަށްދިޔަ މި ޙަރަކާތަކީ އެސް.އީ.ޓީގެ ޢާންމު ޖަލްސާއާއި އެކު، ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެފް.އީ.ޓީ)އަށް އަލަށް ގުޅުނު ދަރިވަރުންނަށް މަރުޙަބާ ކިޔައި، އެފް.އީ.ޓީގައި ކިޔަވާ އެންމެހާ ދަރިވަރުންގެ ގުޅުން ބަދަހިކުރުމަށް ހިންގުނު ޙަރަކާތެކެވެ. ކޮންމެ އަހަރެއްގެވެސް ފުރަތަމަ ޓާރމްގެ ކުރީކޮޅު ބާއްވަން ހަމަޖެހިފައިވާ މި ޙަރަކާތް ބާއްވަން ފަށާފައިވަނީ 2016 ވަނަ އަހަރެވެ. އެގޮތުން މިއީ ސިލްސިލާ ގޮތެއްގައި ބޭއްވުނު 2 ވަނަ “ގިއަރ ނައިޓް” އެވެ. އެމް.އެން.ޔޫ.އެސް.ޔޫ ގޮފިތަކުގެ ޤަވާޢިދުގައިވާ ގޮތުން ކޮންމެ ދައުރަކުންވެސް އަހަރަކު އެއްފަހަރު އަހަރީ ޢާންމު ޖަލްސާއެއް ބާއްވަންޖެހެއެވެ.

 

އެސް.އީ.ޓީގެ 4 ވަނަ ދައުރުން އިންތިޒާމު ކުރި މި ޙަރަކާތުގެ ޝަރަފްވެރި މެޙްމާންއެއްގެ ގޮތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (އިތުރު ޙަރަކާތް) އަލްއުސްތާޛް ޙައްމާދު ވާފިރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ ޢިލްމީ ނައިބު ރައީސް އަދި ސެކްރެޓަރީ ބައިވެރިވެވަޑައިގެންނެވިއެވެ. ހަމަ މިއާއެކު، އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކުގެ ނައިބު ރައީސް އަދި އެސް.އީ.ޓީގެ 4 ވަނަ ދައުރުގެ ރައީސް އަލްފާޟިލް ޢަލީ ޝަމްޢޫން ވެސް މި ޙަރަކާތުގައި ބައިވެރިވެވަޑައިގަތްކަން ފާހަގަ ކޮށްލެވެއެވެ.

 

އެމް.އެން.ޔޫ.އެސް.ޔޫގެ ބަޖެޓުގެ އެހީއާއި އެކު ބޭއްވުނު “އެސް.އީ.ޓީ ގިއަރ ނައިޓް 2017″ގެ އެންމެ ފުރަތަމަ އައިޓަމްއެއްގެ ގޮތުގައި އޮތީ އެސް.އީ.ޓީގެ 4ވަނަ ދައުރުގެ ހިންގާ ކޮމިޓީގެ ފަރާތުން ޢާންމު މެންބަރުންނަށް އަހަރީ ރިޕޯޓް ހުށައެޅުމެވެ. މި ރިޕޯޓް ހުށައަޅާދީފައިވަނީ ވީޑިއޯ ރިޕޯޓަކުންނެވެ. ރިޕޯޓުގައި އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ ފަރާތުން 2016 ވަނަ އަހަރު ހިންގުނު އަދި އެސް.އީ.ޓީ ބައިވެރިވި އެންމެހާ ޙަރަކާތްތަކަށް ތަފްޞީލީގޮތެއްގައި އަލިއަޅުވާލައިފައިވެއެވެ. މިގޮތުން ކޮންމެ ޙަރަކާތެއް ހިނގާދިޔަ ގޮތާއި، ކުރެވުނު ޚަރަދުތަކުގެ ތަފްޞީލާއި، ޙަރަކާތްތަކަށް އެހީވެވަޑައިގެންނެވި ފަރާތްތައް ރިޕޯޓުގައި ހިމަނާފައިވިއެވެ.

 

އެއަށްފަހު، އެފް.އީ.ޓީ އާއި އަލަށް ގުޅުނު ދަރިވަރުންނަށް އެފް.އީ.ޓީގައި ކަންހިނގާ އުޞޫލުތަކާއި، އެފް.އީ.ޓީގެ ކްލާސްރޫމްތައް ހުންނަ ތަންތަން ކިޔާދިނުމަށްޓަކައި ވީޑިއޯއެއް ދައްކާލެވުނެވެ.

set2

 

މިއަށްފަހު، އެސް.އީ.ޓީއަށް އެކި ގޮތްގޮތުން 2016ވަނަ އަހަރު އެހީވެވަޑައިގެންނެވި ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދިނުން އޮތެވެ. މިގޮތުން، އެމް.އެން.ޔޫ.އެސް.ޔޫ އަށާއި، އެމް.އެން.ޔޫ.އެސް.ޔޫގެ 4 ވަނަ ދައުރު އަދި  5ވަނަ ދައުރުގެ ރައީސް އަލްފާޟިލް ޢަލީ ރަޝީދާއި، އެމް.އެން.ޔޫ.އެސް.ޔޫގެ 4 ވަނަ ދައުރުގެ ގޮފިތަކުގެ ނައިބު ރައީސް އަލްފާޟިލް ޙުސައިން ޢަލީ އާއި، އެމް.އެން.ޔޫ.އެސް.ޔޫގެ 4 ވަނަ ދައުރުގެ ޚަޒާންދާރު އަދި އެފް.އީ.ޓީގެ ދަރިވަރު އަލްފާޟިލް ޙުސައިން މުޙައްމަދާއި،  އެސް.އީ.ޓީގެ  4ވަނަ ދައުރުގެ ރައީސް އަދި އެމް.އެން.ޔޫ.އެސް.ޔޫގެ 5ވަނަ ދައުރުގެ ގޮފިތަކުގެ ނައިބު ރައީސް އަލްފާޟިލް ޢަލީ ޝަމްޢޫންއަށް ހަނދާނީ ލިޔުން ދެވުނެވެ. މީގެ އިތުރުން، ލިޓަސް އެމް.އެން.ޔޫ.އެސް.ޔޫ 2016ގެ އެފް.އީ.ޓީ ޓީމަށް އެކި ގޮތްގޮތުން އެހީވެވަޑައިގެންނެވި ފަރާތްތަކަށާއި، އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ނެޓްބޯޅަ މުބާރާތް 2016ގައި އެފް.އީ.ޓީ އިން އެފް.އެސް.ސީ (ފެކަލްޓީ އޮފް ސައިންސް)އާއި ގުޅިގެން ޓީމެއް ނެރުނުއިރު، އެކަމުގައި އެހީތެރިވި އެސް.އޯ.އެސް (ސޮސައިޓީ އޮފް ސައިންސް)އަށް އަދި އެފް.އީ.ޓީގެ އެޑްމިން ޓީމަށާއި، އެސް.އީ.ޓީ ގިއަރ ނައިޓް 2017 އިންތިޒާމް ކުރުމުގައި އިސްރޯލެއް އަދާކުރި އާރކިޓެކްޗަރ ސެމިސްޓަރ 3 ކްލާހަށްވެސް ހަނދާނީ ލިޔުން ދެވުނެވެ. ހަނދާނީ ލިޔުންތައް ޙަވާލުކޮށްދެއްވީ އެސް.އީ.ޓީގެ 4ވަނަ ދައުރުގެ ރައީސް އަލްފާޟިލް ޢަލީ ޝަމްޢޫން އަދި ޙަފްލާގެ ޝަރަފްވެރި މެޙެމާން އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބުރައީސް (ޙަރަކާތް) އަލްއުސްތާޛް ޙައްމާދު ވާފިރެވެ. މިއަށްފަހު، ބައިވެރިންނާއި ޝަރަފްވެރިންނާއެކު އެކުވެރިކަން ބަދަހިވާފަދަ ގޮތަކަށް ރާވާފައިވާ ޙަރަކާތްތަކެއް ކުރިއަށް ގޮސް، ބިލެތްމީރު ކޮށްލެއްވުމަކުން ޙަފްލާ ނިމިގެން ދިޔައެވެ.

set3

އެމް.އެން.ޔޫ.އެސް.ޔޫގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކު ބޭއްވުނު މި ޙަރަކާތަކީ ވަރަށް ކާމިޔާބު ޙަރަކާތެއްކަމަށް އެސް.އީ.ޓީ 4 ވަނަ ދައުރުގެ ނައިބު ރައީސް – ޙަރަކާތް: އަލްފާޟިލް ޤިޞްމަތު ޤާސިމް ފާހަގަ ކުރެއްވިއެވެ. އަދި އަހަރީ ޢާންމު ޖަލްސާ ބޭއްވުނުކަމުންނާއި، މިދިޔަ އަހަރަށްވުރެ ގިނަ ބައިވެރިންނާއެކު، ފުރިހަމަ ގޮތަކަށް މި އަހަރުގެ ގިއަރ ނައިޓް ބޭއްވުނުކަމުން އެކަމާއި ވަރަށް ބޮޑަށް އުފާފުޅުކުރައްވާކަމަށް ވިދާޅުވިއެވެ. މިފަދަ ކަންކަމުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ފޯރުކޮށްދޭ ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރާ ޙާލު، ދައުރުގެ އެންމެ ފަހު ޙަރަކާތުން އެސް.އީ.ޓީގެ ޢާންމު މެންބަރުންނަށް އުފާވެރިކަން ގެނެސްދެވުނުކަމުގެ އިޙުޞާސްކުރެވިއްޖެކަމުގައި ވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *